ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ ސާފުކުރައްވާފައެވެ.

އަދި ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ރައީސް ވަޒަންކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ.

މިގޮތުން ރައީސްގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިންގ ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.