ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އަޅާ ހައުސިން ޔުނިޓުތަކުގެ އަގުތަކަކީ ދިވެހި އާއިލާތަކަށް އަތްފޯރާފަށުގެ އަގުތަކެއް ކަމަށް ބީއެމްއެލްގެ ސީއީއޯ މުހަންމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާ އެޅުމަށް ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ވާހަކަފުޅު ދައްކަ ވަމުންނެވެ.

އޮކްޓޯބަރު 2025 ގައި "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތާއި "އާއިލީ ބޯހިޔާވަހިކަން" މަޝްރޫޢުގެ ދަށުން، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގައުމީ މަޝްރޫޢު ފާސްކޮށް، ސަރުކާރުން ވަނީ ގައުމުގެ މިސްރާބު ސާފުކޮށްދީ، ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ފަށާފަކަމަށް ޝަރީފްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، އެ ތަޞައްވުރު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ މަސައްކަތަކަށް ބަދަލުވެގެން ދިޔަކަންކަމަށް ޝަރީފް ވިދާޅުވިއެވެ. މި ސިޔާސަތުތައް ތައާރަފުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މިއަދު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ވަރުގަދަ ލީޑަރޝިޕަކާއެކު މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ކަންކަން އަވަސްކުރުމަށް އޮތް އަޒުމުގެ ސަބަބުން ހާސިލުކުރެވޭނެ ނަތީޖާގެ ހެއްކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޚާއްޞަކޮށް، ބިމުގެ އަގު ނުހިމަނައި، އެކުވެރި މާޙައުލެއްގައި ބިން ފޯރުކޮށްދިނުމަށް ނިންމި ނިންމުމަކީ ދުރާލައި ވިސްނައިގެން އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މީގެ ސަބަބުން މަޝްރޫޢުތަކުގެ އަގު ބޮޑުތަނުން ކުޑަކުރެވި، ދިވެހި ޢާއިލާތަކަށް އަތްފޯރާފަށުގައި މި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދިޔައެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ސީދާ މަންފާ ލިބިގެންދާނެކަމުގެ ސާފު މިސާލެކެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތަޢާރަފުކުރި "އެފޯޑަބަލް ހައުސިންގ ސްކީމް" ގެ ސަބަބުން، ބޯހިޔާވަހިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުތަކުގެ ދައުރު ފުޅާވެ، މިކަމަށް ދެވޭ އިސްކަން އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ.

ބީއެމްއެލް ސީއީއޯ މުހަންމަދު ޝަރީފް

މީގެ އިތުރުން، މި މަޝްރޫޢަކީ ނަތީޖާ ނެރެވޭނެ، ދެމެހެއްޓެނިވި މަޝްރޫޢަކަށް ހެދުމަށްޓަކައި ސަރުކާރުން ދެއްވަމުންދާ މެދުކެނޑުމެއްނެތް އެއްބާރުލުމަށާއި، މިކަމަށްޓަކައި ދީފައިވާ ހާއްސަ ލުއިތަކަށްޓަކައި ޝަރީފް ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެެވެ.

ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓްތައް ހިންގާނީ މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ.