ގައުމުގެ ސިޔާދަތީ ބާރު ހިނގާ، ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ދިފާއީ ވުޒާރާއިން މިކަން ހާމަ ކުރީ، ރާއްޖޭގެ ސަރަހައްދު ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރަން ހުއްދަ ދިންކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައި އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ވުޒާރާއިން ބުނީ، ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގްވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް)ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިފާޢީ ވުޒާރާއިން ބުނީ، މި ގާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށެވެ.

އެގޮތުން ގައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ، އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ސަރަހައްދުތަކެއް ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަށްވުރެ ބޭރުގެ ވައިގެ ސަރަހާއްދަކީ، އިންޓަރނޭޝަނަލް އެއަރ ސްޕޭސްއެއް ކަމަށާއި، އެގިތުން އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ހިމެނޭ ސަރަހައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށް ދޭންޖެހޭއިރު، މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކޮށްދިނުން ކަމަށް ވެސް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، އިންޓަރނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ނަމަވެސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށެވެ.