އަސާސީ ބޭސް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ހޮޓްލައިނެއް ތަޢާރަފްކޮށްފިއެވެ.
އެގޮތުން، އެ ކުންފުނީގެ ހޮޓްލައިން 1505އިން، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެ ޚިދުމަތް ދެމުންދާނެ ކަމަށެވެ.
މި ނަންބަރު ތައާރަފްކޮށްފައި ވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށެވެ. އެހެންކަމުން ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ވެސް އެ ހޮޓްލައިނުން އެހީތެރި ވެދޭނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މި ޚިދުމަތާއެކު ރައްޔިތުންގެ ބޭހުގެ ކަންކަމުގައި ބޭނުންވާ ކަންކަން ދެނެގަންނަން ފަސޭހަވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ބޭސް ކުންފުނިން ހާމަކުރެއެވެ. އަދި އެހެން މަރުހަލާތަކަށް ބަހާލައިގެން އިތުރު ބޭސްތައް ހޯދުމާއި އެހެނިހެން ޚިދުމަތްތަކަށް އެދުމަށް މަގުފަހިކޮށްދެވޭނެކަމަށްވެސް ބޭސް ކުންފުނިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނި މެދުވެރިކޮށް ބޭސް ހޯދަން އޯޑަރު ކުރުމުން، އެ ބޭސް އެ ފަރާތްތަކާއި އެންމެ ގާތް ފާމަސީއެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށްވެސް ސަރުކާރުގެ ބޭސް ކުންފުނިން ހާމަކުރެެއެވެ.
ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ އެކަމަށް ޚާއްޞަ ކުންފުންޏެއް އުފައްދައި ޒިންމާތައް ހަރުދަނާކުރުމެވެ.
މިގޮތުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
ބޭސް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރާއިރު، ސަރުކާރުން އަންނަނީ ބޭހުގެ ސަޕްލައި ވެސް އިތުރުކުރަމުންނެވެ. އެގޮތުން މިހާރު އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ބޭހުގެ އަދަދު 900 އާ ހަމައަށް ވަނީ އަރާފައެވެ.