އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޕޯސްޓެއްގައެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

މިގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން އެ މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މި ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތައް ހިމެނެއެވެ.

އެގޮތުން މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތަކީ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 ގެ ނިޔަލަށެވެ.

މިނިސްޓްރީން ބުނީ އެ ވަގުތުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި މި އުޅަނދުތައް ދުއްވުމަކީ މަނާކަމެއް ކަމަށާއި ނަމަވެސް، މި އެންގުމުން އިސްތިސްނާވާނީ ހަމައެކަނި ޚާއްސަ ހުއްދަ ލިބިފައިވާ އުޅަނދުތަކަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ބޯލެނބުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.