އޮޕަރޭޝަން ކުރަނގީގެ ދަށުން ހޯމް މިނިސްޓްރީން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ މުއްދަތު އިތުރުކޮށްފިއެވެ.

ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން އެ މިނިސްޓްރީއިން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުއްދަތު އިތުރުކޮށްފައި ވަނީ ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2026 މެއި 2 ގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

"މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެކަން އަންގަމެވެ." މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 އަށް ގުޅައި ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރުމުން ލިބޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.