ކަފިހުރަސް މަތިން ހުރަސްކުރަމުން ހިނގާފައިދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި، އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ވަނީ މި ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖާއި، އެ މީހާ ސައިކަލު ދުއްވަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ ކްލިޕްތައް އާންމުކޮށްފައެވެ. ައެ ވީޑިއޯތައް އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.
ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރަށް 9444880 ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.