ބ.ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދަރަވަންދޫ އެއާޕޯޓު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓު، އައިލެންޑު އޭވިއޭޝަނާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް އަހުމަދު ޝަމީމް އެވެ.
އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެއާޕޯޓާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
އެ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.
މިއަދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ދަރަވަންދޫ އެއާޕޯޓު އޮޕަރޭޓު ކުރުމާއި އެއާލައިން ސާވިސް ދަރަވަންދޫ އެއާޕޯޓުގައި ދޭނީ އައިލެންޑު އޭވިއޭޝަނުންނެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ހަދަނީ ކަނޑު އަޑީގެ ރީތިކަމަށް ޝައުގުވެރިވާނެ އާކިޓެކްޗާއެއް ހިމެނޭ ގޮތަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ދަރަވަންދޫ އެއާޕޯޓު ޓާމިނަލުގެ ސައިޒު 959 އަކަފޫޓުން 1،874 ފޫޓަށް ބޮޑުކުރާނެއެވެ.
ޓާމިނަލުގެ ބޭރުގައި ވެއިޓިން އޭރިއާއެއް ހަދަން ނިންމާފައިވާއިރު އެރައިވަލް އޭރިއާ ބޮޑުކޮށް ބަގޭޖް ކޮންވެޔާ ބެލްޓް އިންސްޓޯލުކޮށް އެރައިވަލް އޭރިއާއަކީ ފަސިންޖަރުންނަށް ފަސޭހަކަމާއެއެކު އުޅެވޭނެ ތަނެއްގެ ގޮތުގައި ޑިޒައިންކުރާނެއެވެ.
ހަމައެހެންމެ ޗެކް-އިން އޭރިއާ ބޮޑުކުރުމާ އެކު އެ ތަނުގައި ސެލްފް ޗެކިން ކިއޮސްކްސް އާއި ކިއު މަދުވާނެ އަދި ލުއިފަސޭހަކޮށް ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ޑިޕާޗާ ހޯލު ބޮޑުކޮށް، ގުދުރަތީ އަލި ވަންނަ ގޮތަށް އޯޕަން އަދި ޖާގަ ތަނަވަސް ޕްރީ ބޯޑިން އޭރިއާއެއް ވެސް ގާއިމުކުރާނެއެވެ. އަދި ޒަމާނީ ސެކިއުރިޓީ ސްކްރީނިން އާއި ބޯޑިން ތިން ގޭޓާއި ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ޖާގަ 80 އިން 175 އަށް ވުރެ މަތިވާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ދަރަވަންދޫ އެއާޕޯޓުގައި ފުރުމުގެ ކުރިން ފަސިންޖަރުން ހަމަޖެހިލަން މުޅިން އާ އެގްޒެކެޓިވް ލައުންޖެއް ވެސް ގާއިމުކުރާނެއެވެ.
މިގޮތުން އެ ތަނުގައި 75 ސީޓު ޑިޒައިން ކޮށްފައި ހުންނާނީ ޕްރައިވެސީ އާއި އަރާމުކުރުން ލިބޭ ގޮތަށް ޕްރީމިއަމް ސީޓިން ޒޯނަކާ އެކު ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު، އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓު ތަރައްގީކޮށް ފަސިންޖަރުންނަށް މުޅިން އާ ތަޖުރިބާއެއް ބ. އަތޮޅުން ކުރެވޭނެ މި ޕްރޮޖެކްޓަކީ އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.