މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް 2026 އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު ފަހު 13:10 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މީގެ އިތުރުން ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނނަން ނެތްކަން ފަހަގަކޮށް ފުލުހުން ބުނީ އެހެން ކަން އޮތް ނަމަވެސް ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އަދި އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.