ހދ. ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އެޗްޑީސީއާ ހަވާލުކޮށްގެން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅާފައިވަނީ މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އެޅާފައިވަނީ ޝަރަފުވެރި މެހެމާން، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އެޗްޑީސީގެ މެނޭގިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) އަލީ ޒުހައިރު އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދުދާ ވޫދު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ އެވެ.
މި މަޝްރޫއުގެ ދަށުން، 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްގީކުރުމުގެ އިތުރުން، އެ ސިޓީން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުން ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް، އެ ރަށުގައި 2،000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން، އެ މަޝްރޫއު، ހައުސިން މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.