އިސްރާއީލުގެ އޮފިޝަލުންތަކެއް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި އެ މިސްކިތުގެ މުގައްދަސްކަމާއި ގާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރިމަތި ކުރި ވަރަށް ބޮޑު އިހާނެތްތެރި ކަމެކެވެ. އަދި އަލްއަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމާއި، ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް ހާލަތު ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.