މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މީހުންގެ ސޮއިއާއެކު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަނުންނެވެ.
އުސޫލުތަކުގައިވާ ގޮތުން ގައުމީ މަޖިލިސް ބާއްވާފައި ސިމްޕަލް މެޖޯރިޓީން ޗެއާޕާސަން ވަކިކުރެވޭނެއެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައި މި ވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ރައީސް ނަޝީދަށާއި ފައްޔާޒުއަށް ނުދޭން ނިންމުމުން އެ ޕާޓީގެ ފެކްޝަންތަކުގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން އިއްޔެ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަލްއުސްތާޒް އަހުމަދު މައުރޫފް މަގާމުން ވަކިކޮށްފައިވާ ކަމަށް ޣަފޫރު ސޮއިކޮށް ސިޓީއެއް ފޮނުވި މައްސަލައިގައި އެ ޕާޓީގެ އިސް ބައެއް ފަރާތްތަކާއި އާންމު މެންބަރުންގެ ހިތް ހަމަނުޖެހުންވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ.
އެމްޑީޕީގެ ތެރޭގައި މިވަގުތު 4 ފެކްޝަނެއް އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ރައީސް ނަޝީދާއި ފައްޔާޒުގެ ފެކްޝަނުގެ އިތުރުން މައިގަނޑު ފެކްޝަނަކަށް ދެން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. އަދި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަނަކާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ފެކްޝަނެއް ވެސް އެމްޑީޕީގައި މިވަގުތު ހަރަކާތްތެރިވެ އެވެ.