އެމްޑީޕީގެ އަމާޒަކަށް ވާން ވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ދާއިމީ ޗެއާޕާސަން އިންތިހާބުކުރަން ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށް، އެ މަގާމާ ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ މީކާއިލް، ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯގައި ވިދާޅުވީ، އެމްޑީޕީން ޒުވާން އާ ޖީލަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

މީކާއިލް ވިދާޅުވީ، އެ ޕާޓީގެ އަމާޒަކަށް ވާން ވާނީ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި، އެ އަމާޒަށް ދިއުމަށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައި ސަފުތައް ބަދަހި ކުރަންޖެހޭ ކަމަށެވެ.

އެކަން ހާސިލްވާނީ ވަކިވަކި ލީޑަރުންނާއި ވަކި ފަރުދުންގެ މަސްލަހަތަށް ވުރެ، ޕާޓީގެ އާއްމު މެމްބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ބޭފުޅަކު ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި އެއީ މޫނަކަށް، ކަނދުރާއަކަށް ނުބަލައި ޕާޓީ ހިންގައިދޭނެ މީހަކަށް ވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާ ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދޭންޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، މަޖިލީހުގެ މެމްބަރުކަން ދެ ވަނަ ދައުރު ފުރުއްވަމުން އަންނަ މީކާއިލް ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް އޭނާ ނުކުމެވަޑައިގަތީ 16 އަހަރުގެ ތަޖުރިބާއާ އެކު ކަމަށެވެ.

އިދިކޮޅު ޕާޓީގެ އެތެރޭގައި އޮތް ކޯޅުން މި ފަހަރު ފަޅައިގެން ދިޔައީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާއާ ގުޅިގެންނެވެ.

އެ ހަފުލާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވުމަށް ފަހު، ފަހު ވަގުތު ކެންސަލްކުރީ ކަމަށް، އެ ބޭފުޅުންގެ ސަޕޯޓަރުން ބުނެ އެވެ. ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަމަލުކުރެއްވި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާގެ އިސްތިއުފާއަށް ވަނީ ގޮވާލައިފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު 2023 ވަނަ އަހަރު އެ ޕާޓީ ދޫކުރައްވައި، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި އެވެ. ނަމަވެސް މިދިޔަ އަހަރު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ކެމްޕެއިން ކޮށްދެއްވުމަށް ބައެއް ސިޓީތަކަށާއި ރަށްރަށަށް ވަޑައިގަތެވެ. ނަޝީދުގެ އިތުރުން، ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ދޫކުރެއްވި ފައްޔާޒު އިސްމާއިލް ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގެ އެންމެ ކުރީކޮޅުން ފެށިގެން އެ ކެމްޕެއިން ނިމެންދެން ވެސް އެތައް ރަށަކަށް ވަޑައިގެން އެ ޕާޓީގެ ތާއީދު އިތުރު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ.