މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ހިއްސާކުރެއްވި މައުލޫމާތުގައި ޝަކީލް ވިދާޅުވީ، ހައްޖުވެރިންގެ ވިސާގެ އެންމެހާ ކަންކަންވެސް ނިންމާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައްޖުވެރިން މައްކާގައި ތިބޭ، ހައްޖު ކޯޕަރޭޝަންގެ ހޮޓާ މަރާމާތުކޮށް އަޕްގްރޭޑްކުރަން ކުރަންޖެހޭ މަސައްކަތްތައްވެސް ހޮޓަލުގެ ވެރިފަރާތާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ ހައްޖު މޫސުމުގައި ދިން ހިދުމަތްތަކަށް ބަލާ، ހައްޖުގެ އިންތިޒާމުތަކާއި ހިދުމަތްތައް ލުއިފަސޭހަކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ، އެކަންކަން ވަރަށް ގާތުން ބައްލަވާ، ހިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުވެސް ލިބެމުންދާ ކަމަށެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ ހައްޖު މޫސުމުގައި ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

"ކަންކަން ރަނގަޅު ކުރުމަށް އޮންނަ ފުރުސަތުގެ ތެރެއިން، މިއަހަރަށް އިތުރު ކަންކަން ފުރިހަމަވާނެ. މިނާގެ ފާހަނާތައް މަދުވުމުގެ ޝަކުވާ މިދިޔަ ފަހަރު ލިބުނު. އެކަމަށް ރިއާޔަތްކޮށް ސައުދީ ސަރުކާރުގެ ކަމާގުޅޭ މުވައްސަސާތަކާއެކު މަޝްވަރާކޮށް، އަޅުގަނޑުމެން އެދުނު ގޮތަށް ފާހަނައިގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކޮށްފަވަނީ."

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

ޝަކީލް ވިދާޅުވީ، ލުއިގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށާއި، އެކަމަށް ސައުދީ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެއިތުރުން ގުޅިގެން ކުރާ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ހައްޖުގެ އިންތިޒާމްތަކަށް ހައްޖު މިޝަންއާއި އެޑްވާންސް ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

ހައްޖުވެރިންގެ މަދީނާ ދަތުރު މިއަހަރުވެސް އޮންނާނީ، ހައިސްޕީޑް ޓްރެއިންގައެވެ. އަދި ހައްޖުގެ އަޅުކަން ނިންމާ އަނބުރާ ރާއްޖެ އަންނާނީ، މަދީނާ މަގުންނެވެ. މިއަހަރުވެސް ފްލައިޓް ދަތުރުތައް ބާއްވާނީ، މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންގެ ފްލައިޓްތަކުގައެވެ.

މައްކާ ރޫޓް އިނީޝީއޭޓިވްގެ ދަށުން، ހައްޖުވެރިންގެ އިންތިޒާމްތައް މިދިޔަ އަހަރު ވަރަށް ބޮޑަށް ލުއިފަސޭހަވެފައިވާކަން ފާހަގަުރައްވާ މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް މި ހިދުމަތްތައް ލިބޭނެ އިންތިޒާމު، އިސްލާމީ ކަންތަކަކާ ބެހޭ ވުޒާރާއާއި ގުޅުންހުރި އިދާރާތަކުން ހަމަޖައްސަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން މިއަހަރުވެސް ނުސުކް ހައްޖު ކާޑު ހައްޖުވެރިންނަށް ލިބޭނެ ކަމަށާއި މިކަމަށް ހާއްސަ ޓީމެއްވެސް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިޒާމްތައް ހަމަޖެއްސުމުގެ އެންމެހާ މަރުހަލާތަކުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަންކަން ވަރަށް ގާތުން ބައްލަވާ ހިދުމަތްތައް ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާނީ ހައްޖުވެރިންނަށް ދީނީ މައުލޫމާތު ދިނުމާއި، ސިއްހީ އަދި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށާއި އިދާރީ މަސައްކަތްތައްވެސް ފުރިހަމަ ކުރަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.