މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

ނަސީބުވެރިޔާ ހޮވުން އޮތީ މިއަދު ހެނދުނު 11:35ގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިއަށްގެންދިޔަ ލައިވް އިވެންޓެއްގައެވެ.

އެ ލައިވް އިވެންޓުގައި ގުރުއަތު ނަންގަވައިދެއްވީ އިވެންޓުގެ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީއާ އެންޑް އެޑްވައިޒަރީ ބޯޑުގެ ޗެއާޕާސަން، މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އަލްއުސްތާޒް އަބްދުﷲ ސައުދާނެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، 5،000އަށް ވުރެ ގިނަ މީހުން މި ކުއިޒުގައި ބައިވެރިވެފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ރަމަޟާން މަހުގެ 30 ދުވަހު، ކޮންމެ ދުވަހަކު ސުވާލެއްގެ މަގުން ޖުމްލަ 30 ސުވާލު ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަނީ ހުށަހަޅައިފައެވެ.

ކުއިޒު ނިމުނު އިރު، ހުށަހެޅި ހުރިހައި ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126 ބައިވެރީން ވަނީ ފައިނަލް ގުރުއަތަށް ހޮވިފައެވެ. މި އަހަރުގެ ކުއިޒުގެ އެއްވަނަ އިނާމަކީ، ނަސީބުވެރިޔާއަށް ދޭ ދެ މީހުންގެ އުމްރާ ދަތުރެކެވެ.

މި އަގުހުރި އިނާމުގެ މި އަހަރުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އަތަމާގެ، އދ. މަހިބަދޫ ފާއިމަތު މައާލް އަހްމަދެވެ. ފާތިމަތު މައާލް އަހްމަދަށް އަންނަ ހަފުތާގައި އިނާމު ހަވާލުކުރުމަށްވަނީ ހަމަޖައްސާފައެވެ.