ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ ތެޔޮ ފީފާއަކަށް އެއް ޑޮލަރު ނެގުމަށް އީރާނުން ނިންމައިފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ބުނި ގޮތުގައި މި ފީ ދެއްކުމުގައި ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް އީރާނުން ޝަރުތުކޮށްފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުން، އީރާނަށް ދެމުން އަންނަ ހަމަލާތައް ދެ ހަފުތާގެ މުއްދަތަކަށް ހުއްޓާލުމަށާއި، ތެޔޮ އުފުލުމުގައި އެންމެ މުހިންމު ރާސްތާ ކަމަށްވާ ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނި އެއްބަސް ވެފައެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އެކުލަވާލުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ ޕާކިސްތާނުންނެވެ.

މެދު އިރުމަތީގެ ހަނގުރާމަ ހުއްޓާލާ ހުރުމުޒް ކަނޑުއޮޅި ހުޅުވާލަން އެއްބަސްވި ޚަބަރާއެކު، ދުނިޔޭގެ ބާޒާރުގައި އުފުލެމުންދިޔަ ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިގޮތުން 8 އޭޕްރިލްގެ ހެނދުނާ ހަމައަށް ތެލުގެ އަގު 8 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކަށް މިއަދު ހެނދުނު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

40 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގައި އެ ހަނގުރާމައިގައި ކާމިޔާބު ހޯދިފައިވާ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. އަދި އީރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭން ގަބޫލުކުރުމަށް އެމެރިކާއަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އެ ސަރަހައްދުން ބޭރުކުރާ މައި މަގެވެ.

އެ ކަނޑުއޮޅީގެ ބާރު އީރާނުން ގެންގުޅޭއިރު، އެތަން ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިޒްރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.

ދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން އެ ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތު ﷲ އަލީ ހާމަނާއީވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެ ކަނޑުއޮޅީގެ ދަތުރުފަތުރު 90 އިންސައްތަ ދަށަށް ގޮސް، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.