"އުދަރެސް" ބޯޓު ފަރަކަށް އަރައި، ގެއްލިގެން ހޯދަމުން ދިޔަ ދިބެހި މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރު ކަމަށެވެ.
މިހާރު އެމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަމަށް މައުލުމާތު ލިބެއެވެ.
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. އަދި ސަލާމަތްކޮށްފައިވާ ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.