ޤައުމީ ޕޭމެންޓް ނިޒާމު ފަވަރަ މެދުވެރިކޮށް ދޭ ހިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ، އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮޓްލައިން ނަންބަރު "1544" ތައާރަފްކޮށްފައިވާ ކަމަށެވެ.
މި ހޮޓްލައިން އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަވަރުނަރު އަހްމަދު މުނައްވަރެވެ.
އެމްއެމްއޭއިން ބުނީ މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށެވެ.
މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް އިންނެވެ.
މާލީ ހިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދިޔަ ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ހިދުމަތްތަކަށް ހާއްސަކޮށްފައިވާ ނަންބަރެއް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.
މިއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ހިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އެމްއެމްއޭ އިން އުންމީދު ކުރެއެވެ.
"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މި ހިދުމަތާއި މިހާތަނަށް ރާއްޖޭގެ ބޭންކުތަކާއި އަދި ފައިސާގެ މުއާމަލާތް ކުރާ އެކި ވޮލެޓްތަކުން ވަނީ ގުޅިފައެވެ.