އާސަންދަ ނިޒާމުން ހަރަދުކޮށްގެން ބޭރަށް ކުރާ ދަތުރުތައް، އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ވެސް ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ނުކުރެވެނީ ކީއްވެތޯ ވަޒީރާ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ކުރާ ދަތުރުތައް އަތޮޅުތަކުގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ނުކުރެވޭ މައްސަލައަކީ ހެލްތު މިނިސްޓަރަކަށް އެކަނި ޖަވާބުދެވޭނެ ސުވާލެއް ނޫންކަމަށާއި، ނަމަވެސް އެއީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށެވެ. އެގޮތުން އެއީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވެފައެވެ.
މިހާރު އުސޫލްތައް އޮންނަގޮތުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް މާލީ އެހީތެރިކަން ލިބެނީ ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓުން ކުރާ ދަތުރުތަކަށެވެ. އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ދެ އެއާޕޯޓަކުން ދިވެހިން އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދުމަށް ދާ ދެ ގައުމަކަށް އިންޓަރނޭޝަނަލް ޝެޑިއުލް ދަތުރުތައް ކުރެެވެ.
އެގޮތުން ގަން އިންޓަރނެޝަނަލް އެއާޕޯޓުން ސްރީލަންކާއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން އިންޑިއާއަށް އުދުހުންތައް ބާއްވައެވެ. ނަމަވެސް އެ ދެ އަތޮޅުގެ ރައްޔިތުންވެސް އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަން ރައްޖެއިން ބޭރަށް ފުރަން ދާންޖެހެނީ ވެލާނަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
އާސަންދައިގެ ދަށުން އައްޑޫ ގަން އަދި ހަނިމާދޫ އެއާޕޯޓުން ބޭރަށް ނުފުރޭ މައްސަލައަކީ އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮންނަ މައްސަލައެކެވެ.