މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖަނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 2،454 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި މިފްކޯއަށް 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.

މީގެ އިތުރުން އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ 40.3 މިލިޔަން ރުފިޔާއެވެ. އަދި ފެބުރުވަރީ މަހުގެ ތެރޭގައި 19 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ދޫކޮށްފައިވަނީ 29.3 މިލިޔަން ރުފިޔާއެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ.

މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތްވެސް ދަނީ ހަމަޖައްސަމުންނެވެ.