އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރުމަކީ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަމިއްލަ ނަފްސުދެކެ ލޯބިވުމުގައި ހިމެނެނީ ތިމާއަކީ ކާކުކަން، ހުރިހާ އުނިކަންތަކަކާއި އެކު ހުރިހާ ކަމެއް ގަބޫލުކޮށް އަގުވަޒަން ކުރުމެވެ. އެގޮތުން އަމިއްލަ ނަފްސުދެކެ ލޯބިވުމަށް އެހީތެރިވެދޭނެ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ.

އަމިއްލަ ނަފްސުދެކެ ލޯބިވުމަށްޓަކައި ތިމާއަށް އޯގާތެރިވެ ރަނގަޅު ރަޙްމަތްތެރިއަކާ މެދު ކަންތައް ކުރާ ފަދައިން އަމިއްލަ ނަފްސާއި މެދުވެސް ހެޔޮކޮށް ކަންތައް ކުރާށެވެ. މާބޮޑަށް ފާޑުކިޔުމެއް ނެތި ތިމާގެ މަސައްކަތާއި ނާކާމިޔާބީތައް ގަބޫލުކުރާށެވެ.

ހަމައެހެންމެ އަމިއްލަ ނަފްސުދެކެ ލޯބި ވުމަށް ޖިސްމާނީ ސިއްހަތަށް ފަރުވާތެރިވުންވެސް އެއީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން ޖިސްމާނީ ސިއްހަތަށް ފަރުވާތެރިވުމުގެ ތެރޭގައި ގަވާއިދުން ކަސްރަތުކޮށް ހަރަކާތްތެރިވުމާއި، ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، އެކަށީގެންވާ ނިދި ހޯދުން ހިމެނެއެވެ. ހަށިގަނޑަށް ފަރުވާތެރިވުމަކީ އަމިއްލަ ނަފްސުގެ އިޙްތިރާމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ.

ތިމާ ހާސްވެ ކަންބޮޑުވެދާނެ ކަންކަމުން ދުރުގައި ހުރުމަށް ބައުންޑަރީސް ކަނޑައެޅުންވެސް މިއީ މުހިންމު ކަމެކެވެ. ތިމާގެ އަގުތަކާ ނުގުޅޭ ނުވަތަ ކޮންމެހެން ބޭނުން ނުވާ "ސްޓްރެސް"އެއް ކުރިމަތިވެދާނެ ކަންކަމަށް ނޫނެކޭ ބުނަން ދަސްކުރާށެވެ. ވަކި ޙައްދުތަކެއް ކަނޑައެޅުމަކީ އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމުގެ އަމަލެކެވެ.

ނަފްސަށް އަޅާލާ އޯގާތެރިވުމަށް މެޑިޓޭޝަނާއި ފުންކޮށް ނޭވާލުން ފަދަ މައިންޑްފުލްނެސް ޓެކްނިކްސް ތަކުގެ އެހީގައި ތިމާގެ ޚިޔާލާއި އިޙްސާސްތަށް އިތުރަށް ހޭލުންތެރިކޮށް ކުރިއެރުވުމަކީވެސް މުހިންމު ކަމެކެވެ. ނަފްސުދެކެ ލޯބި ވުމަށް ތިމާގެ ކާމިޔާބީތައް ފާހަގަކުރަން ޖެހޭނެއެވެ. މިގޮތުން ތިމާއަށް ހާސިލްވާ ކުދިކުދި ކާމިޔާބީތައް ފާހަގަކޮށް އުފާފާޅުކުރަން ޖެހޭނެއެވެ.

މިކަން ކުރުމަށް ކޮންމެހެން ލާރިތަކެއް ހަރަދުކޮށް ޕާޓީއެއް ބާއްވާކަށް ނުޖެހޭނެއެވެ. މިކަން ކުރުމަށް ކާމިޔާބީތަކުގެ ޖާނަލް ބެލެހެއްޓުމަކީ ތިމާގެ ކާމިޔާބީތަކުގެ އަގު ވަޒަން ކުރެވޭނެ ކަމެކެވެ.

މީގެ އިތުރުން ތިމާގެ ނަފްސުދެކެ ލޯބި ވުމަށް ހެޔޮ ނުފޫޒުތަކުން އަމިއްލަ ނަފްސު ވަށާލުމަކީ މުހިންމު ކަމެކެވެ. މިކަންހާސިލް ކުރުމަށް ތިމާއަށް ތާއީދުކޮށް ހިތްވަރުދޭ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށްވެސް ފައިދާހުރި ކަމެކެވެ. އެހެންވެއްޖެނަމަ އަމިއްލަ ނަފްސުގެ އިޙްތިރާމް އާލާކޮށްދީ، އަމިއްލަ އަގު ވަރުގަދަކޮށްދޭ ގުޅުންތައް އާލާކުރެވި ނަފްސަށް ކުރާ ގަދަރާ އިހްތިރާމް އިތުރުކޮށްދޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމާއި އަހަރެމެންގެ ގުޅުންތަކާ ގުޅުމެއް އޮވެއެވެ. ޖާނަލް އޮފް ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމަކީ އަހަރެމެންގެ ގުޅުންތަކުގެ ފެންވަރު ރަނގަޅުކޮށްދީ އުފާވެރި ކޮށްދޭ ކަމެކެވެ.

އަމިއްލަ ނަފްސުދެކެ ލޯބި ނުވެވޭނަމަ ނުވަތަ ތިމާއަކީ ބޭނުމެއް ނެތް މީހެއް ކަމަށް އިހްސާސްވެ އުނދަގޫވާނަމަ ތެރަޕިސްޓެއް ނުވަތަ ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމަށް ވިސްނާށެވެ. ތެރަޕިސްޓެއްގެ ފަރާތުން ޕްރޮފެޝަނަލް އެހީތެރިކަން ހޯދަން ޖެހިފައިވާ ހާލަތެއްގައި ވާނަމަ މިއީ އަމިއްލަ ނަފްސުގެ ދުޅަހެޔޮ ކަމަށް ކޮންމެހެންވެސް ބޭނުންތެރި ފަރުވާއެކެވެ.

މިކަންކަން ތަންފީޒު ކުރުމުން އަމިއްލަ ނަފްސަށް ލޯތްބާއި ބަލައިގަތުމުގެ ފުން އިހުސާސެއް އާލާކުރަން ފަށައިގަނެވޭނެ އެވެ.

ހަނދާން ކުރާށެވެ! ތިމާގެ އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރުމަކީ ކެތްތެރިކަމާއި ހޭލުންތެރިކަމާއެކު ކުރިއަށްދާ މަރުހަލާއެކެވެ.