ޕާލް ރެސިޑެންސީ ވިސާ ވެގެންދާނީ އިންވެސްޓްމަންޓަށް ހުޅުވޭ ފަހި ފުރުސަތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އެކަން ކުރުމަށްޓަކައި ވަކި ޚާއްސަ ބިލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަށް މަޖިލީހަށް ފޮނުއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެކަން ކުރުމުގައި އެޓާނީ ޖެނެރަލްގެ ލަފައަކީ އެންމެ ރަނގަޅުވާނީ މިކަމަށް ވަކި ޤާނޫނެއް ހެދުން ކަމަށާއި އެ ބިލް މިހާރު އޮތީ އެޓާނީ ޖެނެރަލް އޮފީހުގައި ޑްރާފްޓް ކުރައްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެން އެ ބިލް ދާނީ ގާނޫނަކަށް ވުމަށްޓަކައި މަޖިލީހަށް ކަމަށާއި މަޖިލީހަށް އެ ބިލު ދިޔުމުން މަޖިލީހުގައި މިނިވަން ބަހުސްތަކެއްކޮށް އަދި މަޖިލީހުން ފާސްކުރަން ފެނިވަޑައިގަންނަވައިފިނަމަ ފާސްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ އިންވެސްޓްމަންޓަށް ބޭރުގެ ފަރާތްތަކުންނާއި ދިވެހި ވިޔަފާރިވެރިން އެތައް ޒަމާނެއް ވަންދެން ކުރަމުން އައި އުންމީދެއް ހަޤީގަތަކަށް ވުންކަމަށެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތުގެ ގޮތުގައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ެެފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގައި ތަފާތު އެކި ގޮތްގޮތައް އަންނަމުންދާ ބަދަލުތަކަށް ބަދަލުވަމުން އަންނަ ސިނާއަތެއް ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ޒަމާނީ ބަދަލުތައް އަންނަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.