1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން އެޕްރޫވްކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް"ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އެދުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ހުޅުވާލާފައި ލޯނު ލިބުނު ފަރާތްތަކަށް މިދިޔަ ޑިސެންބަރު މަހުން ފެށިގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "ހިޔާވެހި ފައިނޭންސިން"އިން މިހާތަނަށް 820 މީހަކަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދިނުމަށް އެޕްރޫވްކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޢަދަތުތައް އިތުރުވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލާ އޭގެ ޙައްގުވެރިންނަށް ހަވާލުކުރާނެކަމަށާއި އޭގެތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން 800 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 3 ސްކީމެއް ކުރިއަށްގެންދާއިރު ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ ގޮތަށެވެ. ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެއް އަދި މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރާނެއެވެ.
ތިންވަނަ ސްކީމު ޚާއްޞަކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މި ސްކީމު އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރާތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރުން ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
"ހިޔާވެހި ފައިނޭންސިން"އަކީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ސްކީމެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ.