ރާއްޖެއިން ހައްޖަށްދާ މީހުން މި އަހަރު ވެސް ހައްޖަށް ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން މި އަހަރު ވެސް ފުރާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިން ކަަމަށާއި އެކަމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާ އިން އެޑްވާންސް ޓީމެއް އަންނަ ހަފްތާގައި ރާއްޖެއަށް އަންނާނެ ކަމަށެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތު ސައޫދީން މިދިޔަ އަހަރު ވެސް ދިނެވެ. އެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށްދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު އެ ގައުމުން ވަނީ ދީފަ އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ޕްރޮގްރާމުގެ ދަށުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނުނު 8 ވަނަ ގައުމަށް ވީއިރު، "މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.

މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މައްކާ ރޫޓް އިނީޝީއޭޓިވްގެ ދަށުން، ހައްޖުވެރިންގެ އިންތިޒާމްތައް މިދިޔަ އަހަރު ވަރަށް ބޮޑަށް ލުއިފަސޭހަވެފައިވާކަން ޝަކީލް ވަނި ފާހަގަކުރައްވާފައެވެ.

ހައްޖުގެ އިންތިޒާމްތަކަށް ހައްޖު މިޝަންއާއި އެޑްވާންސް ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

މިހާރު ކުރިއަށްދާނީ ހައްޖުވެރިންނަށް ދީނީ މައުލޫމާތު ދިނުމާއި، ސިއްހީ އަދި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށާއި އިދާރީ މަސައްކަތްތައްވެސް ފުރިހަމަ ކުރަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.