މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތީ ނަތީޖާއަށް ފަހު ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރާނެ ކަމަށެވެ.
މިހާތަނަށް އާންމު ނުކުރެވިވަނީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފޮށިތައްވެސް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ދާދި އަވަހަށް އާންމު ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިހާބުގެ ވޯޓުލުން މިމަހުގެ 4 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެދުވަހު 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
މިފަހަރު އިންތިހާބަކީ ކައުންސިލް އިންތިހަބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިހާބު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އެގޮތުން މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިފައިވީއިރު، އޭގެ ތެރެއިން 73 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލާފައިވެއެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖައސާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ.
އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިގްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.