އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ކުރިން ހުރި ހާލަތަށް ރުޖޫއަވާން އެތަކެއް މަހެއް ނަގާނެކަމަށް މާހިރުން ލަފާކޮށްފިއެވެ.

ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދޭން ފެށި ނިރުބަވެރި ހަމަލާތަކުގެ ދިފާއުގައި، އީރާނުން ވަނީ މެދުއިރުމަތީގެ ތެލާއި ގޭހުގެ 20 އިންސައްތަ ބޭރުކުރާ މައި މަގުކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި، އެމެރިކާ އާއި ޔަހޫދީންނަށް ވާގިވެރިވާ ގަލްފުގެ ގައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއާ އެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ.

އެގޮތުން އޭޕްރިލް 8 ވަނަ ދުވަހު ދެ ފަރާތުން އިއުލާނުކުރި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އޮތީ ޝަރުތުކޮށްފައެވެ. ނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް ލުބްނާންގެ އާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލާފައި ނެތުމުން އީރާނުން ވެސް ވަނީ ހުރްމުޒް އަލުން ހުޅުވައިލުމުގައި ފަސްޖެހިފައެވެ.

ހުރްމުޒް ކަނޑުއޮޅި ހުޅުވައިލިޔަސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް އަވަހަކަށް ދަށަކަށް ނުދާނެކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

ދުނިޔޭގެ ބާޒާރަށް ހެޔޮ އަސަރެއް ކުރާނީ، އެއްވެސް ހިފެހެއްޓުމެއްނެތި އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ލިބިގެންކަމަށް މާހިރުން ބުނެއެވެ.

ހަނގުރާމައިގެ ކުރިން، ދުވާލެއްގެ މައްޗަށް 120 އާއި 140 އާ ދެމެދުގެ އަދަދަކަށް މުދާ އުފުލާ އުޅަނދުތައް ދިޔައީ ހުރްމުޒް ހުރަސްކުރަމުންނެވެ. އެހެން ނަމަވެސް، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވެސް އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ 12 އުޅަނދެވެ.

މީގެއިތުރުން، ހުރްމުޒް ހުރަސްކުރާ އުޅަނދުތަކުން އިތުރު ދެ މިލިއަން ޑޮލަރުގެ ފީ އެއް ނަގަން އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެކަމުގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް ތިރިނުވެ، މިހާރު ހުރި މިންވަރުގައި ހުރުމުގެ ކަންބޮޑުވުންވެސް ބޮޑެވެ.

ދުނިޔޭގެ ބާޒާރަށް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ އިގްތިސާދު ކުރިއެރުން މަޑުޖެހޭނެކަމަށް ދުނިޔޭގެ މާލީ އިދާރާ، އައިއެމްއެފުން ވެސް ވަނީ ލަފާކޮށްފައެވެ.