އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އުފަންރަށް، ޅ.ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ

އެތެރޭގައި ޖެހުނު މައްސަލައަކީ އެމްޑީޕީގެ އާންމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމެއް ކަމަށާއި އެހެންކަމުން އެތެރޭގައި އެ ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް މަސައްކަތް ފެށި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިއްޔެއާއި ރޭ ވެސް އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ އެ މަޝްވަރާތަކުގައި ކަމަށާއި އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރު ވަނީ އެކަމަށް ހައްލެއް ހޯދާފައި ކަމަށެވެ. ެއިބޫ ވިދާޅުވީ އާންމު މެންބަރުން އެ އެދޭ ގޮތަށް އެމްޑީޕީގެ މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްލު ރަސްމީކޮށް، އަންނާނީ މާދަމާ ނުވަތަ މާދަމާ ރޭގެ ވަގުތެއްގައި ކަމަށެވެ.

" ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީގަ އަޅުގަނޑުމެން ހުރިހާ ލީޑަރުން. ޕާޓީގެ އިސްކޮށްތިބި މީހުން މިދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެވެސް. ރޭގަވެސް. ގިނަ ވަގުތު އަޅުގަނޑުވެސް ހޭދަކުރީ މިކަމުގައި އަޅުގަނޑުމެން މިވަނީ ހައްލެއް ހޯދާފައި އާންމު މެންބަރުން އެ އެދޭގޮތަށް ލީޑާޝިޕް އެކީގަައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހިސާބަށް އައި އިރު އިރާދަކުރެއްވިއްޔާ ހޯދިއްޖެ. އަޅުގަނޑުމެން އެމްޑީޕީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ހަމަ އަޅުގަނޑުމެންގެ ލީޑަޝިޕް އެކީގަ އޮވެގެން."

އިބްރާހިމް މުހައްމަދު ޞާލިހް

މީގެ އިތުރުން އެމްޑީޕީއަށް 2028 އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުުކުރަން އެ ޕާޓީގެ ލީޑަޝިޕް މަސައްކަތްކުރާނީ އެކީގައި އޮވެގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ޞާލިހު ވިދާޅުވީ އެ މަސައްކަތްކުރާނީ އެއްވެސް މީހަކު ބާކީ ނުވާ ކަހަލަ ގޮތަކަށް އިންތިޒާމުކޮށްގެން ކަމަށެވެ.