ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 15 އިންސައްތަ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ މާރިޗު މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 441،847،516 ޑޮލަރާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.
މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ލިބުނު އާމްދަނީގެތެރޭގައި 208 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު 16 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮަލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު 37 އިންސައްތަ އިތުރު އަދަދެކެވެ.