މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މެއި މަހު ފެށުމަށް ހަމަޖައްސާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް އިންޖިނިއަރު އަހްމަދު އައިމަން ޝަރީފް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްތަކެއް ވެފައިވުމާއި، އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދިވެހި ސަރުކާރުން ޖަޕާން ސަރުކާރުގެ އެހީތެރިކަމަށް އެދުމުން އެގައުމުގެ ފަރާތުން އެކަމަށް އިޖާބަދީ، އެގައުމުގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކުންފުންޏާއެކު މިކަމުގެ އެއްބަސްވުމުގައި މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައިވަނީ ސޮއިކޮށްފައެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ ޖަޕާންގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނުންނެވެ. ޓޯޔޯ ކޮންސްޓްރަކްޝަނަކީ އޭޝިޔާ ބައްރުގައިވެސް ކޮންސްޓްރަކްޝަން ސައިިންސާއި ޑިޒާސްޓަރު ރެސިލިއަންސަށް ހާއްސަ އުފެއްދުންތެރިކަމަށް މަޝްހޫރު ކުންފުންޏެކެވެ.
އެވުޒާރާއިން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކާގޮތުގައި، ގިނަ ދުވަސްވުމުގެ ސަބަބުންނާއި ރާޅުގެ އަސަރު ކުރުމުގެ ސަބަބުން ބޭރު ތޮށީގެ ބޮޑު ހިލަތަކާއި ޓެޓްރަޕޮޑްތައް ކަހާލައިފައިވާ ކަމަށާއި ކޮންކްރީޓް ފާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ ގުދުރަތީ ކާރިސާތައް ގިނަވަމުންދާއިރު މި ތޮށިގަނޑުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށެވެ.
މިމަޝްރޫއާއެކު ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އައިމަން ވިދާޅުވިއެވެ. އަދި މިމަޝްރޫއާއެކު މާލޭގެ މަލަމައްޗަށްވެސް ބޮޑު ބަދަލެއް އަންނާނެއެވެ.
އެގޮތުން ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލާލާއިރު، ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން، ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން، ބޭންކް އޮފް މޯލްޑިވްސް ކުރިމަތި ސަރަހައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ-ޕްރޮފައިލް ކުރުން، އަދި މާލޭގައި ގާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މޮނިޓަރު ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް، މަރުކަޒީކޮށް މޮނިޓަރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
މާލޭގެ އިރުމަތީ ފަރާތް ސަރަހައްދަކީ، އިރުވައި އަދި ހުޅަނގު މޫސުން ބަދަލުވާ ދުވަސްވަރު އާދަޔާ ހިލާފަށް އުދައެރުމުގެ މައްސަލަ ބޮޑު ސަރަހައްދެކެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށާއި، ދުއްވާ އުޅަނދުފަހަރަށާއި، ހިނގާބިނގާވެ އުޅޭ އާންމުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވެ، އެކިވަރުގެ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ނަމަވެސް ބޭރުތޮށި މަރާމާތުކުރުމުގެ މިމަޝްރޫއާއެކު މިކަންކަމަށްވެސް ހައްލުލިބޭނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.
މާލޭގެ ބޭރުތޮށި މަރާމާތުކުރަން ސަރުކާރުން ނިންމީ ޒަމާންތަކެއްވެފައިވާ މިތޮށި ގަނޑަށް އެކިވަރުގެ ގެއްލުންތައްވެފައިވާތީއެވެ. މިހާރު ބޭނުން ކުރެވެމުން މިދާ ބޭރު ތޮއްޓާކީ 4 ފިޔަވައަސަކަށް ބަހާލައިގެން 1988 އަކުން ފެށިގެން 2002 އަކާއި ހަމަޔަށް ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.