ދަރަނި އަދާކުރުމުގެ ހޭދަ ނުވަ ބިލިއަން ރުފިޔާއަށްވުރެ މައްޗަަށް އެރި ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމުގެ ސަބަބުން ބަޖެޓު ދަރަނިވެރިނުވެ، އާމްދަނީން ތިން ބިލިއަނާ ގާތްކުރާ މިންވަރެއް ސަލާމަތްކުރެވިފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފުތާއަކު އެއްފަހަރު މާލީ ވުޒާރާއިން އާއްމުކުރަމުންދާ މާލީ ހިސާބުތަކަށް ބަލާއިރު ލޯނު އަނބުރާ ދެއްކުމަށް 8.5 ބިިލިއަން ރުފިޔާ އޭޕްރީލު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފަައިވެއެވެ.

ލޯނު ދެއްކުމުގެ ހަރަދު އެމިންވަރަށް އިތުރުވީ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކުގެ ފައިސާގެ ގޮތުގައި އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު އޭޕްރީލު ދެވަނަ ދުވަހު މި ސަރުކާރުން ދައްކައި ހަލާސްކުރުމުގެ ސަބަބުންނެވެ.

މި ހިނގާ އެޕްރިލް މަހުގެ ދެވަނަ ދުވަހުގައި ސަރުކާރުންވަނީ ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަަރާއި، އެއާއެކު ދައްކަންޖެހޭ ފައިދާގެ ގޮތުގައި 24.68 މިލިއަން ޑޮލަރު ދައްކާފައެވެ. އެކު ޖުމްލަ 524.68 މިލިއަން ޑޮލަރެވެ.

ލޯނު ދެއްކުމުގެ ހަރަަދު 8.5 ބިލިއަން ރުފިޔާއަށް އެރިއިރު، އިންޓަރެސްޓު އަދާކުރުމާއި ފައިނޭންސްކުރުމުގެ ހަރަދުތަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވިކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. މާނައަކީ ދަރަނި އަދާކުރުމުގެ ޖުމްލަ ހަރަދު 9.5 ބިލިއަން ރުފިޔާއަށްވުރެ މަތިވުމެވެ.

ސުކޫކުގެ ފައިސާ ދައްކާފައިވަނީ ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ފާއިތުވި ދެ އަހަރު ދުވަހު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި، ސަރުކާރުގެ މާލީ ރިޒާވް ކަމުގައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކުރި ފައިސާއިންނެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 350 މިލިއަން ޑޮލަރު ރައްކާކޮށްފައި ހުރިއިރު ރިޒާވް 1.2 ބިލިއަނަށްވުރެ މަތިވެ، ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު 352 މިލިއަން ޑޮލަރަށްވުރެ މަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ސުކޫކު ދެއްކުމަށްފަހު ރިޒާވްގައި އިތުރު 150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެއެވެ.