މައްސަލަ ޖެހިގެން އަލުން ގުނި މ. ވޭވަށު ކައުންސިލުގެ މެމްބަރުކަމުގެ ގޮނޑި ކުޑަ ތަފާތަކުން އެމްޑީޕީން ކަށަވަރުކޮށްފިއެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، ވޭވަށު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
ކުރީގެ ނަތީޖާގައި ވާގޮތުން، ދެ ވޯޓުގެ ތަފާތަކުން މި ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 122 ވޯޓު ލިބިގެންނެވެ. ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 120 ވޯޓެވެ.
ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑީގެ ތެރޭން އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. މެމްބަރުކަމުގެ އަނެއް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ.
މި ގޮނޑީގެ 1 ނަންބަރު ފޮށީގެ ވޯޓު ރޭ އަލުން ގުނާފައިވަނީ އެ ފޮށީގެ ވޯޓު ގުނާފައިވާ ގޮތާ މެދު އީސީ އަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.
މި ފޮށީގެ ވޯޓު އަލުން ގުނިއިރު ދެ ވޯޓެއް ބާތިލު ކަމަށް ކަނޑައެޅުމުން ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް އެއް ވޯޓު ވަނީ މަދުވެފައެވެ.
އެގޮތުން އެ ފޮށިން ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 83 ވޯޓެވެ. އަދި އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 76 ވޯޓެވެ.
އެހެންކަމުން މި ފޮށީގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ކެންޑިޑޭޓަށް މުޅި ޖުމްލަ ލިބުނީ 121 ވޯޓެއެވެ. އަދި ޕީއެންސީ ކެންޑިޑޭޓަށް ޖުމްލަ ލިބުނީ 119 ވޯޓުއެވެ.