އެމްޑީޕީ އެތެރޭގައި ހިނގި ހިޔާލުތަފާތުވުންތައް ހަމަޔަކަށް އެޅުވުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އަދާކުރެއްވި ދައުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރުއަދާ ކުރައްވައިފިއެވެ.
ނިމިގެންދިޔަ އިންތިހާބަށްފަހު އިދިކޮޅު އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.
އޭގެ ފަހުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) އިބްރާހިމް ވަހީދާއި ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް ވަކިކުރުމުން އިތުރަށް ހޫނުވެ، ެއެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް އޮތީ ފަށާފައެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އެ ޕާޓީގެ ސީނިއާ ބައެއް މެމްބަރުން ހިމެނިިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލިހުގެ 55 ބޭފުޅަކު ސޮއިކުރެއްވިއެވެ.
މިކަން މިހެންވެފައި ވަނިކޮށް އެމްޑީޕީން ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލްތަފާތުވުން ނިމުމަކަށް އައިސް އެންމެން އެއްގަލަކަށް އަރާފައިވާކަން ފާަހަގަކުރައްވާފައެވެ.
އެ މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލު ތަފާތުވުންތައް ހަމަޖެއްސުމަށް ފައްޔާޒް އިސްމާއީލް ބުރަ މަސައްކަތްތަކެއް ކޮށްދެއްވިކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ރައީސް ޞާލިހަށާއި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށްވެސް މަރުހަބާ ވިދާޅުވެފައެވެ.