މިިދިޔަ އަހަރު ނޭވާލާ ނިޒާމްގެ އެކި ބަލިތައް ޖެހިގެން 370،000އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތައްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2025ވަނަ އަހަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރެއިން ޑެންގީގެ 2611 ކޭސްއަކާއި ޗިކުންގުންޔާގެ 5 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނޭވާލާ ނިޒާމްގެ ބަލިތަކެވެ. އޭގެ 370593 ކޭސް ރިޕޯޓްކޮށްފައިވާއިރު އެންމެ ގިނައީ އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރި ކޭސްތަކެވެ. މިދިޔަ އަހަރު އަރިދަފުސް ރޯގާ ޖެހިގެން 369232 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި އިންފުލުއެންޒާގެ 1178 ކޭސްއާއި ކޮވިޑްގެ 183 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އާންމުކޮށް ރިޕޯޓްކުރާ އެހެނިހެން ބަލިތަކަށް ބަލާއިރު މިދިޔަ އަހަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 21986 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފާނަ ބަސަންދުގެ 2537 ކޭސް ރިޕޯޓްކޮށްފައިވާއިރު ލޮލު ރޯގާގެ 52148 ކޭސް އަދި ހޭންޑް ފުޓް އެންޑް މައުތުގެ 188 ކޭސް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.