ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވީއައިއޭއަށް ޖެއްސި ފްލައިޓަކުން ދަތުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ ނުވަ ވަނަ ދުވަހުގެ ފަތިހު 05:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި، އެ ފްލައިޓުން ދަތުރުކުރި ހމ. ހިޔާ 9-12-17 / މާލެ، އިބްރާހީމް ނަޢީމް (46އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައި ވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑި އާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ފެނުނު ތަކެތީގެ ތެރޭގައި ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރާއި، 1,300 ސިންގަޕޫރު ޑޮލަރާއި، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.