ތ. ވިލުފުށި އަދި ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ތ. ވިލުފުށި އަދި ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ.

މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ.

ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުއެކެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ކުރި ހުކުމެއްގައި ވެއެވެ. އެހެންކަމުން، ކުރިން އާންމުކުރި އުސޫލަށް އަމަލުކުރުމަށް ކޯޓުން އަމުރުކުރި ނަމަވެސް، އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ހަވާލުކުރެވިފައެއް ނުވެއެވެ.

މި މައްސަލަތައް ބޮޑުވެ، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މުޅި މަސައްކަތްތަކާ އިމާރާތްކުރުމާބެހޭ ވުޒާރާއިން އަލުން ހަވާލުވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ވުޒާރާއިން އޭރު ބުނީ މިހާރު މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.

ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ، 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. ހައުސިން ޔުނިޓުތަކުގެ އިމާރާތްކުރާތްކުރުމާ ގުޅޭ މަސައްކަތްތައް ނިންމާފައިވާއިރު، ޔުޓިލިޓީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިއަދަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެ ވުޒާރާއިން މިހާރު މިވަނީ ހައުސިން ޔުނިޓްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.