މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތީ ނަތީޖާއަށް ފަހު ދާއިމީ ނަތީޖާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރަން ފަށާފައެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިހާބުގެ ވޯޓުލުން މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެދުވަހު 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
މިހާތަނަށް ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު އެ ފޮށިތަކުގެ ނަތީޖާވެސް މިހާރު އާންމު ކޮށްފައިވާ އިރު، މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރަމުންދާނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ވަގުތުންނެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންދިޔައިރު އޭގެ ތެރެއިން 73 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި މިފަހަރު އިންތިހާބަކީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިހާބު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އެ އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓު ލާފައިވެއެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.