މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ، ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ގޮތް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެ ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ނުތަނަވަސްކަމެއް އުފެދިގެން ދިޔުމަށްފަހު އެ ޕާޓީގެ އިސްވެރިން މި 2-3 ދުވަހު ބޭއްވި މަޝްވަރާތަކުން އެކަން ހައްލުކޮށްފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަދި އެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސުންނަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމާއި ޗެއާޕާސަނަށް ލަފާދިނުމަށް ފަސް މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އުފައްދަން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
-ކުރީގެ ރައީސް މުހައްމަދު ނަޝީދު
-ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ)
-ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
-ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
-ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެ މަޝްވަރާތަކުގައި ވަނީ އެމްޑީޕީގެ އެޑްވައިޒަރުންނަށް ދެ ރައީސުން އައްޔަންކުރަން އެއްބަސްވެފައެވެ.
އެނގިފައިވާ ގޮތުގައި އެކަންކަމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ނުވައެއް ޖަހާއިރު ބާއްވަން ވަނީ ނިންމާފައެވެ.
އަދި އެ ބައްދަލުވުން ސިއްރު ކުރަން ވަނީ ނިންމާފައެވެ.