އަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މިރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާއެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 435 މިލިޔަން ރުފިޔާ އަދި އެއީ 29.4 އިންސައްތައިގެ އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 573 މިލިޔަން ރުފިޔާއެވެ. އެއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 31.2 އިންސައްތައިގެ އިތުރުވުމެކެވެ. އެއީ 437 މިލިޔަން ރުފިޔާއެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މެއި 2017 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.