ސަރުކާރުން މި ދުވަސްކޮޅު ހިލޭ ޓެކްސީ ކުރަން ފެށުމަކީ އާއްމު ޓެކްސީ ޑްރައިވަރުންނަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް، ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ވަނީ މިއީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ އާމްދަނީ ސީދާ ގުޅިފައިވަނީ އެ ދާއިރާއާ ކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން ވަނީ ސަރުކާރުގެ ކުންފުންޏަކުން އެ ދާއިރާ އަށް ވަނުމުން އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހާއްސަކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން އެ ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ޑްރައިވަރުންގެ އާމްދަނީ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތް ދެމުންދަނީ ހުރިހާ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ވެސް ތަބާވުން މަޖުބޫރުކޮށް، ސަރުކާރުން ހަދާފައިވާ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.

އެގޮތުން އެ ގަމިއްޔާއިން ވަނީ ޓެކްސީ ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާ ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް ހިދުމަތް ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ.

ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނި ގޮތުގައި، ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ "ބޭއިންސާފު" އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑުތަކައް އޮންނަ އިތުބާރު ގެއްލޭ ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ އެ ހިދުމަތް ފަށަން ސަރުކާރުން ވިސްނި ހިސާބުން ވެސް މިކަމާ ދެކޮޅަށް އަޑުއުފުލައިފަ ވާނެ ކަމަށާއި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ސަރުކާރުން އިސްވެ ޓެކްސީގެ ހިދުމަތް ފެށީ، މާލެ އާއި ހުޅުމާލޭގައި ޓެކްސީތައް ނުލިބިގެން އެކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވުމުން ކަމަށެވެ. ބައެއް ޑްރައިވަރުން މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ނޫން ގޮތަކަށް ޓެކްސީ ދަތުރުތައް ނުނެގުމާއި މާލެތެރެއިން ވެސް ޓެކްސީތައް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑެވެ.