އައްޑޫސިޓީގައި ގައިމުކުރާ ދެކުނުގެ ސަރަހައްދީ ކުނި މެނޭޖުކުރާ ނިޒާމަށް ޚާއްސަކޮށް ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ތަރައްޤީ ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދެކުނުގައި ކުރި މެނޭޖުކުރާ ނިޒާމު ގާއިމުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ވަސީލަތްތައް ހަމަ، ވަށާޖެހޭ ޒަމާނީ ނިޒާމަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި ކަމަށާއި، އެތަން ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އެ ޒޯންގެ އެކި ހިސާބުތަކުން ގެންނަ ކުނި، ފެސިލީޓިއަށް ގެންދިއުމަށް ބޭނުންކުރުމަށް ހާއްސަ ބަނދަރެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލުން ބޭނުން ކުރުމަށް ބައެއް ބާވަތްތައް ރިސައިކަލް ކުރުމަށް، ރިސައިކަލް ޕްލާންޓެއްވެސް ގާއިމުކުރާނެއެވެ.
ވަޒީރު ވިދާޅުވީ، ދެކުނުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތްތައް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން ދެކުނުގެ ނިޒާމަކީ، ގއ.އަތޮޅު، ގދ.އަތޮޅު ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ތަރައްޤީ ކުރާ ނިޒާމެކެވެ.
އެތަނުގައި މިހާތަނަށް ގާއިމުކޮށްފައިވަނީ، ކުނި އަންދާ ތިމާވެއްޓާ ރައްޓެހި ޒަމާނީ ނިޒާމެއް އެކަންޏެވެ. މިއީ، ކުނި އަންދައިގެން އުފެދޭ ހަކަތަ ކަރަންޓަށް ބަދަލުކުރާ ނިޒާމެކެވެ. މިއީ، އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.