ބަރުދަންލުއިކޮށް ހަންގަނޑު ރީތިކޮށް އަދި ޖިންސީކަންކަމަށް ހުއްދަ ނުނަގާ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިހެން ބުނެފައި ވަނީ ގެޒެޓުގައި އާންމުކުރި އިއުލާނެއްގައެވެ.
އެމްފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި މަސްތައް ވަރުގަދަކޮށް ހަންގަނޑު ރީތިކުރުމާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްއެފްޑީއޭ އިން ވަނީ މިފަދަ ކަންކަންކަމަށް، ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް އޮންލައިންކޮށް އެކި ފިހާރަތަކުގައި ވިއްކާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަން ހާމަކޮށްފައެވެ.
އަދި ޑޮކްޓަރެއްގެ އިރުޝާދެއް ނެތި، އެ ތަކެތި އާއްމުން ގަނެ ބޭނުންކުރަމުންދާކަން ވެސް އެނގިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
މިއީ އެމްއެފްޑީއޭ އިން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެހެންވެ، މި ފަދަ ބޭސް ބޭނުން ކުރުމުން އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށާއި ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމާއި ކުއްލި ގޮތަކަށް މަރުވުން ފަދަ ކަންކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
އަދި މިއީ ހަމަ އެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި، ވަކި ހާއްސަ ހުއްދައެއްގެ ދަށުން ވިއްކޭނެ ބޭސްތަކެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ހުއްދަ ނުނަގައި، އިޝްތިހާރުކޮށް ވިއްކާ މި ފަދަ ޕްރޮޑަކްޓްތައް މާކެޓުން ނަގައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.