ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 1ވަނަ ދުވަހުއެވެ. މިމުއްދަތު މިމަހުގެ މަހުގެ 30 ވަނަ ދުވަހުގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުތުތައް އިސްލާހުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް މިމިނިސްޓްރީން ހުޅުވާލިއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ އެޕްލައިކުރުމުގެ އުސޫލް އިސްލާހްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއިރު، މިކަމަކީ ގިނަބަޔަކަށް އޮޅުންއަރާގޮތަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އީފާސް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދުމުގެ ކަންކަން އޮންނައިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ނަމުގައި އީފާހުން ލޮގިންވެގެން އެކަން ކުރުމަކީ ތަކްލީފެއްގެ އިތުރުން ހަމަޖެހޭ އުސޫލެއް ނޫންކަމަށް ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގައި އެކުލަވާލާފައިވާ ބައެއް އުސޫލްތަކާ ގުޅޭގޮތުން ގިނަ މީހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ޕޯޓަލަށް އަޕްލޯޑްކުރަންޖެހުމަކީވެސް ތަކްލީފެއްކަމަށް ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފައެވެ.