މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއްނެތްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ހައްޖާޖީންގެ އެންމެހާ ދަތުރުގެ އެންމެހާ ކަންތައްތަކެއް ވަރަށް ފުރިހަމައަށް ހަމަޖެހި އިންތިޒާމްކުރެވިފައިވާކަމަށެވެ.
ޝަހީމް ވިދާޅުވީ، ހައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށާއި، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.
1447 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ހައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، 50 އިންސައްތަ މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި 50 އިންސައްތަ މީހުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފަވާ ތާރީހުތަކަށް ބަލާލާއިރު، ފްލައިޓް 1 ފުރަނީ 15 މޭ ގައި 242 މީހުން، ފްލައިޓް 2 ފުރަނީ 17 މޭ ގައި 250 މީހުން، ފްލައިޓް 3 ފުރަނީ 18 މޭ ގައި 243 މީހުން، އަދި ފްލައިޓް 4 ފުރަނީ 19 މޭ ގައި 250 މީހުންނެވެ.
މެއި 15 އަދި 18 ގައި ދަތުރުކުރާ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19 ވަނަ ދުވަހު ދަތުރުކުރާ މީހުން ކުރާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ހައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ހައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން އަންނަނީ، ކުރިއަށް ގެންދަމުންނެވެ.