2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވަނީ އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފައެވެ.

އެގޮތުން އެކަން ކަށަވަރުކުރުމަށް ރާއްޖެއަށް މުދާ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން ވަޒީރު ފާހަގަކުރައްވާ ވަޒީރު ސައީދު ވިދާޅުވީ، މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ.

މިހާރު މާލޭ ބަނދަރުގައި އޮތް އުޅަނދުގައި 1,200 ކޮންޓެއިނަރުގެ މުދާ ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 2,500 ކޮންޓެއިނަރު މާލެއަށް އައުމަށް ވަނީ ހަމަޖައްސާފައެވެ.

ވަޒީރު ވިދާޅުވީ އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1,000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ މުދާ ރާއްޖެއަށް ގެނައުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިމްޕޯޓް އިތުރުވެފައިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސައީދު ވިދާޅުވިއެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ."

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

މީގެ އިތުރުން ލަންކާގެ ބަނދަރުގައި ހުރި ކޮންޓެއިނަރުތައް ކްލިއާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުުރުން، ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާތައް ގެނައުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްދާއިރު، ތެލުގެ ޝިޕްމަންޓްތައްވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދާކަން ކަށަވަރުކޮށްދެއްވާ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އޮތުމަކީވެސް މިފަދަ ކަންކަމުގައި ލިބޭ ފަސޭހައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.