ހަނގުރާމަ ފެށިގެން އައިރު ސަރުކާރުން ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހެން ސަރަހައްދަކުން ރާއްޖެއަށް ތެޔޮ ލިބޭނެކަން ކަށަވަރު ކުރި ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ޚާރިޖީ ވަޒީރު ވަނީ ސަރުކާރުން ތެލާއި ގޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވިނަމަވެސް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމަށެވެ. އެގޮތުން ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމެންޓް އާންމުކޮށް ގެންނަ މިންވަރަށް ވުރެ އިތުރަށް ގެނައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ހަފްތާ ބަންދުގައި ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދިޔައިރު ރާއްޖެއިން އެކަން ގާތުން ބަލަމުން ދިޔަ ކަމަށެވެ.
ހަފްތާ ބަންދުގެ ކުރިން ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ހަބަރާއެކު ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް އެބަދަލު ސާފުކުރި ތެލުން ފެނިފައި ނުވުމާއެކު ކުރިއަށް އޮތް ތަނުގައި ކުޑަނަމަވެސް ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބު ނުވެ، ނިމިފައިވާތީ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ބައިނަލްއަގްވާމީ އެކި އިދާރާތަކާއިއެކު މިމަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ހުރިހާ، ތެލަކީ އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ތެޔޮ ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ކަމުން ތެލުގެ އަގަށް ބަދަލު ނުގެންނަ ނަމަ އާންމު ވިޔަފާރިއަށް ގެއްލުންވާނެތީ އެކަމަށްވެސް ރިއާޔަތްކޮށް އަގަށް ބަދަލު ގެންނަ ކަމަށާއި މިހާރުވެސް ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރާ އެހެން ކުންފުނިތަކުން ހަނގުރާމަ ފެށުނު ފަހުން، ތެލުގެ އިތުރު ދެ ޝިޕްމެންޓް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިމަސައްކަތް ދެމެހެއްޓެނި ގޮތަކަށް އެސްޓީއޯއަށް ބުރަ ބޮޑު ނުވާނެހެން ކުރެވޭކަމަށެވެ.