މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި އޭޝިއާ ޑައިވް އެކްސްޕޯ އަޑެކްސް ގައި ރާއްޖޭގެ މަޝްހޫރު ލިވްއެބޯޑް އޮޕަރޭޓަރެއް ކަމަށްވާ "މޯލްޑިވްސް ލެޖެންޑް" އިން ޝަރަފުވެރި ދެ އެވޯޑެއް ހާސިލުކޮށްފިއެވެ.

މި އެވޯޑުތައް އެ ކުންފުންޏަށް ލިބިފައިވަނީ އަލަށް ތައާރަފުކުރި "އަޑެކްސް ބްލޫ ލެގަސީ އެވޯޑްސް 2026" ގައެވެ.

އޭޝިއާ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތުގެ ޑައިވް އެގްޒިބިޝަންގައި މޯލްޑިވްސް ލެޖެންޑުން ކާމިޔާބުކުރި ދެ އެވޯޑަކީ "ޑައިވް ޓްރެވަލް ކޮމްޕެނީ / އޭޖެންޓް އޮފް ދަ އިޔަރ" އަދި "ލިވްއެބޯޑް އޮފް ދަ އިޔަރ" އެވޯޑެވެ.

އަޑެކްސް ބްލޫ ލެގަސީ އެވޯޑްސް" އަކީ ފީނުމާއި ކަނޑުގެ ފަތުރުވެރިކަން، ތިމާވެށި ހިމާޔަތްކުރުން އަދި ފަންނުވެރިކަމުގެ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މި އަހަރު އަލަށް ދޭން ފެށި އެވޯޑެކެވެ. އެގޮތުން މޯލްޑިވްސް ލެޖެންޑަކީ ރާއްޖޭގެ ކަނޑުގެ ރީތިކަން ތަޖުރިބާކޮށްލެވޭ ފަދަ މަތީ ފަންތީގެ ލިވްއެބޯޑް ދަތުރުތައް ފޯރުކޮށްދިނުމުގައި ނަމޫނާ ކުންފުންޏެކެވެ.

އެ ކުންފުނިން މިހާރު ފަސް އުޅަނދެއް އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި ލެޖެންޑް އެކްސް، ލެޖެންޑް ޒެން، ލެޖެންޑް އޮޑިސީ އަދި ލެޖެންޑް ސީ ޕްލެޝަރ ހިމެނެއެވެ. މީގެ އިތުރުން، 45 މީޓަރުގެ ބިޔަ އުޅަނދު "ލެޖެންޑް ވައި" މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭލުމަށް ތައްޔާރުވަމުންދާ ކަމަށް ގްރޫޕް ޗެއާމަން އަދި މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝައުޝާން ޝަފީގް (ޝާން) ވިދާޅުވިއެެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ގްރޫޕް ޗެއާމަން އަދި މެނޭޖިންގ ޑައިރެކްޓަރ ޝާން ވިދާޅުވީ، މިއީ މުޅި ޓީމާއި، ފަޅުވެރިންނާއި، ޑައިވް ގައިޑުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ގްރޫޕް ސީއީއޯ ހިފްނާޒް ޖިފްރީ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މިފަދަ ބޮޑު މަންސައަކުން ލިބުނު މި ޝަރަފަކީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ.

މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް (އެމްއެޗްސީ) ގެ ދަށުން ހިންގާ މޯލްޑިވްސް ލެޖެންޑުން ވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އަދި ސްރީލަންކާއަށްވެސް އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށްފައެވެ.

މޯލްޑިވްސް ލެޖެންޑަށް މީގެ ކުރިންވެސް ބޯޓިންގ އެވޯޑްސް އާއި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ފަދަ ޝަރަފުވެރި އެވޯޑްތައް ވަނީ ލިބިފައެވެ.

އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ހާއްސަ ޑައިވް ޕެކޭޖުތައް ފޯރުކޮށްދެނީ ޒަމާނީ އެންމެހާ ވަސީލަތްތަކާއެކުގައެވެ.

އަޑެކްސް އިން މި ލިބުނު ބައިނަލްއަގުވާމީ ބަލައިގަތުމާއެކު، ދުނިޔޭގެ ލަގްޒަރީ ޑައިވް ފަތުރުވެރިކަމުގެ މާކެޓުގައި މޯލްޑިވްސް ލެޖެންޑްގެ ނަން މިވަނީ އިތުރަށް ވިދާލާފައެވެ.