މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގު ގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން ބުނީ މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަން ފާހަގަކޮށް ފުލުހުން ބުނީ އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުހައްމަދު ނޫރު އަހްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުހައްމަދު އަފްރާހް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާއީލް ޢާސިފް (36އ) އަދި މ. އޭސިއާ / މާލެ، އަހްމަދު ފާރިސް (39އ) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށް މައުލޫމާތުދެއެވެ.