މާޗް މަހުގައި ވޭޕާއި އީސިނގިރޭޓާ ގުޅޭ މައްސަލަތަކުގައި ޖޫރިމަނާ ކޮށްގެން ހަތަރު ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭޕާއި އީސިނގިރޭޓުގެ 20 މައްސަލައެއް ހިނގާފައިވެއެވެ.

އެގޮތުން ހިނގާފައިވާ މައްސަލަތަކަށް ބަލާލާއިރު، ވޭޕް ނުވަތަ އީސިނގިރޭޓު ބޭނުން ކޮށްގެން 9 މައްސަލަ، ވޭޕް ނުވަތަ އީސިނގިރޭޓް ގެންގުޅުމާ ގުޅިގެން 7 މައްސަލަ، ވޭޕް ނުވަތަ އީސިގަރޭޓުން ވިޔަފާރީގެ މުއާމަލާތްތައް ހިނގުމާ ގުޅޭ 1 މައްސަލަ އަދި ވޭޕް ނުވަތަ އީސިގަރޭޓާ ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތަކުގައި 82 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، 30 މީހަކު ޖޫރިމަނާ ކޮށްފައިވަނީ ވޭޕް ނުވަތަ އީސިގަރޭޓު ގެންގުޅުމާގުޅިގެންނެވެ. އަދި 52 މިހަކު ޖޫރިމަނާ ކޮށްފައިވަނީ ވޭޕް ނުވަތަ އީސިގަރޭޓު ބޭނުން ކޮށްގެންނެވެ.

މުޅި ޖުމްލަ 407,000 ރުފިޔާ ލިބިފައިވާ އިރު، ވޭޕް ނުވަތަ އީސިގަރޭޓު ގެންގުޅުމާ ގުޅިގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ އަތުން 138،000 ރުފިޔާ އަދި ވޭޕް ނުވަތަ އީސިގަރޭޓު ބޭނުން ކޮށްގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ އަތުން 269،000 ލިބިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ އަމަލުތައް ހުއްޓާ، މައުލޫމާތު ލިބި، ގާނޫނަށް ތަބާވެ، އެންމެންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.