ދެވަނަ ބުރަކަށް ވޯޓުލާން ހަމަޖައްސާފައިވާ ރަށްތަކުގެ މީހުންނަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން، އީސީން ހުޅުވާލަިފިއެވެ.
އީސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުބުރު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، އަދި ފުވައްމުލައް ސިޓީގެ މީހުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު، އެޕްރީލް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ހުޅުވާލައިފައިވާކަމަށެވެ.
މި އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، ފުވައްމުލައް ސިޓީ، ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާނެ ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށާއި، އެގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް، އެ ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިހާބާބެހޭ މަރުކަޒަށް ގޮސްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އީސީން ބުނެފައިވެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އީސީން ބުނެއެވެ.
މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައި ވާނެއެވެ. އަދި އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. މީގެ އިތުރުން އެ ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.