ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އާރިފް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ގުޅިގެން ކަން އަދި ސާފެއް ނުވެއެވެ.

އަލީ އާރިފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ރައީސް މުއިއްޒުގެ ދެބެންގެދެދަރި ބޭފުޅެކެވެ. ރައީސް އޮފީހުގެ އިސް މަގާމަކަށް އޭނާ އައްޔަންކުރެއްވީ ނޮވެންބަރު 18، 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސިޔާސީ މައިދާނުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އަލީ އާރިފް އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައެވެ. އަލީ އާރިފްގެ އިތުރުން މިފްކޯގެ ސީއީއޯ ފަރުހަތް ޝަހީރުއާއި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން، އެމްޑަބްލިއުއެސްސީގެ އެމްޑީ، އަބްދުލް މަތީން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހް އާއި ސީއެފްއޯގެ މަގާމުގައި ހުރި ފަރާތް ވެސް ވަނީ ވަކިކޮށްފައެވެ.